English Edition
Dhivehi Edition

ރައީސް ޔާމީން އެއްވެސް މީހަކަށް ލުއި ދެއްވާކަށް ބޭނުމެއް ނުވާނެ ކަމަށާއި ސިޔާސީ ގޮތުން ބަންދުކޮށްފައި ތިބި އެންމެން ދޫކުރަނީ އިބޫގެ ވައުދުގެ ތެރެއިން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ހިންގި ތަހުޤީގުތަކުގެ ތެރެއިން 2018 މާރޗް 12 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު މިރޭ މިނިވަން ވެގެން ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަވަމުން ރިޔާޒް ވިދާޅުވީ މިއީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމުގެ ތެރެއިން ދިން ލުޔެއް ކަމަށް ދެކި ނުލައްވަވާ ކަމަށެވެ.

“އަޅުގަނޑުގެ އުފަން ރަށް ތިމަރަފުށީގެ ތިން ފޮށިން އިބޫ އަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓު ދިނީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ދާއިގެ މެޖޯރިޓީ އިބޫ އަށް ދިނީތީ ވެސް ޝުކުރު ދަންނަވަން. އަޅުގަނޑު މި ހުރީ މި ގައުމަށް ޚިދުމަތް ކުރުން މަތީގައި” ރިޔާޒް ވިދާޅުވިއެވެ.

ޖުމުހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުވެސް ފުރުއްވަމުން ގެންދެވި އަބުދުﷲ ރިޔާޒު ޖަލުބަންދުން މިނިވަންކޮށްފައިވަނީ އޭނާގެ ފަރާތުން ކުރިމިނަލްކޯޓަށް ހުށައެޅުއްވި މައްސަލަ އާއި ގުޅިގެން މިއަދު ކުރިމިނަލްކޯޓަށް ހާޟިރު ކުރުމުން ކޯޓުންނެވެ.

ރިޔާޒު މިނިވަން ކުރި އިރު ސިޔާސީ އެހެން ލީޑަރުންވެސް މިހާރު ދަނީ ކޯޓަށް ހާޟިރު ކުރަމުންނެވެ. މިގޮތުން އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ޙަމީދާއި މެމްބަރު ސިނާނާއި މެމްބަރު އިލްހާމާއި ކުރީގެ ސީޕީ އަހުމަދު އަރީފްވެސް ހިމެނެއެވެ.

ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން ކޯޓަށް ހާޟިރުކޮށް މިނިވަން ކުރަން ފަށާފައި ވާއިރު ކުރިމިނަލްކޯޓު ސަރަހައްދަށްވެސް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ޖަމާވެފައެވެ.