English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާ ކިޔުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އިންތިޚާބުގައި އިއްތިހާދަށް ލިބުނު ކާމިޔާބީ އާއިއެކު ރައީސް ނަޝީދު ދާދިއަވަހަށް ރާއްޖެވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަން އެމްޑީޕީން މިއަދު ހާމަކުރި ނަމަވެސް ވަޑައިގަންނަވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ. އެހެން ނަަމަވެސް 17 ނޮވެމްބަރުގައި އިއްތިހާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙު ހުވާކުރެއްވުމުގެ ކުރިން ރާއްޖެވަޑައިގަންނަވާނެ ކަމުގައި ބެލެވިފައި ވެެއެވެ،

ނޫސްވެރިންގެ މިބައްދަލުވުމުގައި ޝިފާޒު ވިދާޅުވީ، ރައީސް ނަޝީދު މާލެވަޑައިގެންނެވުމުގެ އިތުރުން، ސިޔާސީ ބޭނުންތަކަށް މިސަރުކާރުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ފަރާތްތައްވެސް ދާދިއަވަހަށް މިނިވަންވެގެން ދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ލިބުނީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާފު ގާއިމުކޮށް، އިންސާނީ ހައްގުތައް ދެމެހެއްޓުމާއި ނެގެހެއްޓުމާއި ރައްކާތެރިކޮށްދިނުމަށެވެ. އަދި ރައްޔިތުން ބޭނުންވާ އެންމެ ހައްގު މިންވަރު ހޯދައިދިނުމަކީ އެ ޕާޓީގެ އެންމެ އަސާސީ އެއް ސިފަކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ ބޭފުޅުން ވެސް މިނިވަން ވާނެ ކަމަށެވެ. އަދި ދާދި އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ހަސަން ލަތީފް ވެސް ނުދެއްވަ އެވެ.