ނައިބު ރައީސްގެ މަގާމުގައި ބޭފުޅަކު ބެހެއްޓެވުމަށް، ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅު ނުވާކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ
ރޭ އިދިކޮޅު ކޯލިޝަނުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މިސަރުކާރަކީ އެންމެ ގިނަ ނައިބު ރައީސުން އައްޔަންކުރި ސަރުކާރު ކަމަށާއި ނައިބު ރައީސަކު ބަހައްޓަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ
މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ.އަލީ ޝަހީމް ހަމަޖެއްސެވީ އެމަނިކުފާނު ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާނެ ބޭފުޅަކަށްވާތީ ކަމަށެވެ.
ޑރ. ޝަހީމް އަށް ފާޑުވިދާޅުވެ އަލީ ޒާހިރު ވަނީ މިހާރު ޕީޕީއެމްގެ ރަނިންމޭޓަކީ ކޮންމެ ސަރުކާރެއްގައި ވެސް ވަޒީރުކަން ކުރެއްވިއިރު ވަރަށް އަވަހަށް އިސްތިއުފާ ދެއްވާ ބޭފުޅެއްކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ނައިބު ރައީސްކަން ލިބޭ ތަނުން އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމިންއަށް އޮތުމުން ޑރ. ޝހީމް ރަނިންމޭޓަކަށް ހެއްދެވީކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.