English Edition
Dhivehi Edition

ބުއްދީގެ ހަމަތަކަށް ބަލާއިރު އިސްލާމްދީން ޙިމާޔަތްކޮށް، ދީން ކުރިއެރުވޭނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދަށް ކަމަށް ޤަބޫލްކުރައްވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމުވެރިން މިހެން ވިދާޅުވެފައިވަނީ ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް އިއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޚާއްޞަ ޖަލްސާގައި ރާއްޖޭގައި ތިމި އެންމެ ފުންނާބުއުސް ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދީނީ ޢިލްމުވެރިން ވިދާޅުވީ އިސްލާމީ ބޮޑެތި ދައުލަތްތައް ހަލާކުކޮށްލުމަށް އިސްލާމްދީނުގެ ޢަދުއްވުން ކުރި އެއްކަމަކީ ތަފާތު ޖަމިއްޔާތައް އުފައްދައިގެން އެމީހުންގެ ފިކުރު ފެތުރުން ކަމަށާއި މިއަދު ރާއްޖެ އިން ވެސް އެމަންޒަރު ފެންނަމުންދާކަމަށެވެ. އަދި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ރާއްޖޭގެ އިސްލާމީ ހަޟާރަތް ދެމިއޮންނާނެކަމަށް ބުނާ ވާހަކަތަކުގައި ހަޤީޤަތެއް ވާނަމަ ސްޕެއިން އާއި ޕިލިޕީންސާއި އިންޑޮނޭޝިއާ ފަދަ ޤައުމުތައްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކެއްގެ ގޮތުގައި ދެމި އޮންނާނެކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މުސްލިމުންގެ މައްޗަށް ވެރިކަންކުރާ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ކަންކަން އިސްލާމީ ތާރީޚުން ފެންނަން އެބަހުރި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ އިސްލާމްދީނާ ބީރައްޓެހި ވެރިއަކަށް ޙާކިމާ ނުވުން ކަމަށެވެ. އަދި ދީނާ ބީރައްޓެހި، ދީނީ ކަންކަމާ ދުރު މީހަކު ވެރިއަކަށް ގެނެސްގެން ނުވާނެ ކަމަށާއި ޤައުމުގެ ހުންގާނު ހަވާލުކުރަންވާނީ ދީނީކަން ދަންނަ ދީނަށް ޙުރުމަތްތެރިކޮށްހިތާ ދީނީ ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ފަރާތަކަށްކަމަށެވެ. އަދި އެފަދަ ވެރިއަކަކީ ރައީސް ޔާމީން ކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ.