English Edition
Dhivehi Edition

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިފި އެވެ.

ޓެސްޓް ފްލައިޓްގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޓެސްޓް ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ޖައްސާފައިވަނީ މިއަދު މެންދުރުފަހު 15:11 ގަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ރަންވޭ ނިންމާފައިވީ ނަމަވެސް އެއާޕޯޓްގެ އެހެން މަސައްކަތްތައް އަދި ނުނިމެ އެވެ. ޓާމިނަލް އެޅުންފަދަ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެއާޕޯޓްގެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނެ އެވެ.

ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަކީ 1200 މީޓަރު ދިގު ، 30މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ. ނުވަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ރަށުގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.