ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓު ފައިސަލް ނަސީމް ކެމްޕޭނަށް ކުރައްވާ ދަތުރުތަކުގައި ކެމްޕޭނުގެ ބޮޑު ޖަލްސާއެއް މާދަމާރޭ އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
އިބޫއާއި ފައިސަލުގެ ކެމްޕޭންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާދަމާ އައްޑުއަށް ވަޑައިގެން ކެމްޕޭނުގެ ބޮޑު ޖަލްސާއެއް އައްޑޫގައި ބާއްވާއިރު އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ ވެސް އައްޑޫސިޓީންނެވެ.
އައްޑޫ ޖަލްސާއަށްފަހު ކެމްޕޭން ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްްދުގައި ބޮޑު ޖަލްސާއެއް ބާއްވުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އިބޫއާއި ފައިސަލު ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވާ އިރު އެ ދެބޭފުޅުންނަށް އަތޮޅު ތެރެއިން ވަނީ ބޮޑު ތަރުހީބެއް ލިބިވަޑައިގެންފައެވެ.