މިއަދު ރާއްޖޭގެ ރައްޔިތުންނާ އެކު އެމަނިކުފާނު އުފާ ފާލުކުރައްވަމުން ގެންދަވަނީ އެތައް ކާމިޔާބީ ތަކާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އުފާ ފާޅު ކުރަމުން މިދަނީ ދިވެހި ޤައުމުގެ އެތައް ކާމިޔާބީ ތަކާއެކު ކަމަށާ އެގޮތުން ބަލާއިރު މިއަދަކީ ވެސް ޤައުމުގެ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
މިއަދަކީ މި ކުޑަ ކުޑަ ރާއްޖެއަށް ލިބުނު ދެ ކާމިޔާބީއެއް ފާހަގަކުރަމުން ދާ ދުވަސް ކަމަށްވާއިރު، ޤައުމުގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ހުރި އެކި މަޝްރޫޢުތަކަށް ނަޒަރު ހިންގާލަމުން ރައީސް ވިދާޅުވީ، މި ސަރުކަރުންވަނީ، ރާއްޖޭގެ އާބާދީ 75 އިން ސައްތަ މީހުންނަށް ނަރުދަމާގެ ލުއި ފަސޭހަކަން ހޯދާ ދީފައި ކަމަށާ 187 ރަށުގައި ބޭސް ފިހާރަ ޤާއިމްކޮށް ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނަސްދެއްވާފައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެތައް ރަށެއްގެ ބަނދަރު ހަދާ ނިމި އެތައް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި ރައްޔިތުން ބޭނުންވާ ތަރައްޤީ ޤައުމަށް ގެނެސްދިނީ މިސަރުކާރުންކަން ހަނދާންކޮށް ދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ޤައުމުގެ ކުންފުނިތައް ދިޔައީ ވިއްކަމުން ކަމަށެވެ.
އެގޮތުން ދިރާގާ އެމްޑަބްލިޔުއެސްސީގެ ހިއްސާގެ އިތުރުން ޤައުމުގެ މައިދޮރާށި ވެސް ވިއްކާލިކަން ރައީސް ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވިއެވެ.
އެހެން ނަމަވެސް މިއަދު ވާނީ މިހުރިހާ އެއްޗެއް އަނބުރާ ހޯދާފައި ކަމަށާ ދިވެހިންގެ ޤައުމު އަނބުރާ ދިވެހިންނަށް ލިބިފައިވާ ކަމަށާ އެހެން ނަމަވެސް އަނެއްކާވެސް އަޅުގަޑުމެންގެ ޤައުމު އަޅުގަޑުމެންގެ އަތުން ބީވެގެން ދިޔަ ނުދިނުމަށްޓަކައި ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓުން އިދިކޮޅަށް ނޫނެކޭ ބުނަން ޖެހޭ ކަން ރައީސް ހަނދާން އާ ކޮށްދެއްވިއެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ މެނިފެސްޓޯވެސް ރައީސް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.