ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާތީ، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖެ އަދި ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބަލާއިރު ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި އާދައިގެ ވިޔަފާރީގެ ނަޒަރަކުން ބަލައި ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ ހަމައެކަނި ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް ނޫން ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ވިދާޅުވެ، ރައީސް ވަނީ ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ފާހަގަކޮށްދެއްވާފަ އެވެ. އެގޮތުން ޓޫރިޒަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމުގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާއަކީ ވެސް އިންވެސްޓު ކުރުމަށް ފަހި ފުރުސަތުތަކެއް އޮތް ދާއިރާތަކެއްގެ ގޮތުގައި އެމަނިކުފާނު ބަޔާންކުރެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަނެކްޓިވިޓީ އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެ، ދެ ގައުމުގެ ކުންފުނިތަކަށް އެމަނިކުފާނު ވަނީ މިކަމަށް ހިތްވަރު ދެއްވާފަ އެވެ. އަދި ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މިހާރު ވެސް ރާއްޖޭގެ ބާޒާރުން ފެންނަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ޒަމާނީ ފުޑް ޕްރޮސެސިންގ އަދި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.