English Edition
Dhivehi Edition

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީ އާއި އެ ޕާޓީގެ އިސް ދެބޭފުޅަކާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ކޯޓަަށް ހުށަހެޅި އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި، އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ރައީސް ޔާމީން އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ޚިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ. މި ބައްދަލުވުމުގައި އެދުވަހު ވާހަކަދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ބްރޯޑްކާސްޓު ކޮށްފައިވާތީ ރާއްޖެ ޓިވީ އާއި ދެކޮޅަށްވެސް އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅާފަ ވެއެވެ. އަދި އިންތިހާބީ ހައްގަށް އަރައިގެންފައިވާ އެ މައްސަލަވެސް ވަކިން ހައިކޯޓަށް ހުށަހަޅާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.