ރައީސް އަބްދުﷲ ޔާމީންގެ މިދިޔަ ހަތަރު އަހަރާއި އަށް މަސް ތެރޭގައި ލައްކައަކަށްވުރެ ވުރެ ގިނަ ވަޒީފާތައް އުފެދި، އެ ވަޒީފާތަކުގައި ޒުވާނުން އުޅެމުންދާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމިންގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމަނާފައިވާ 94،000 ވަޒީފާގެ ފުރުސަތު ޔަގީންކޮށް، ވަޒީފާ ހުޅުވާލި ދާއިރާތަކާއި ނެރުނު ވަޒީފާތަކާއި ބެހޭ ލިސްޓުގައިވާގޮތުން، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން 104048 ވަޒީފާ ވަނީ އުފައްދަވާފައެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ވަނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނިމުނު އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އުފެއްދި ވަޒީފާތަކުގެ ތަފާސްހިސާބު ހިމެނޭ ލިސްޓެއް އާންމުކޮށްފަ އެވެ. އެއީ އިގްތިސޯދީ ދާއިރާއިން 47267 ވަޒީފާ، ފަތުރުވެރިކަމުގެ ދާއިރާއިން 15،274 ވަޒީފާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން 6480 ވަޒީފާ އަދި ސަރުކާރު އަމިއްލަ ކުންފުނިތަކުން 8864 ވަޒީފާގެ ފުރުސަތެވެ.އަދި މީގެ އިތުރުން، ގައުމުގެ ހިންގޭ ބޮޑެތި މަޝްރޫއުތަކުން 13150 ވަޒީފާ އާއި ސިވިލްސާވިސް ކޮމިޝަނުން ވެސް ވަނީ 9864 ވަޒީފާ އުފައްދާފައިވާކަަމަށް އެ ލިސްޓުގައި ވެއެވެ.
މި ތަފާސްހިސާބު ދައްކާގޮތުން މި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކުން އެކަނިވެސް މި ހަތަރު އަހަރުގެ ތެރޭގައި ވެސް 13،150 ވަޒީފާ ވަނީ އުފައްދާފަ އެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެވަނަ ފޭސްގެ ތަރައްގީއާއެކު އުފެދުނު 10،250 ވަޒީފާއާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ސީދާގޮތުންނާއި ނުސީދާ ގޮތުން އުފެދުނު 2900 ވަޒީފާ ހިމެނެ އެވެ. މި އަދަދު ސިނަމާލެ ބްރިޖްގެ ކަންކަން މުޅިން ހަމަޔަކަށް އެޅުމާއެކު އިތުރުވެގެންދާނެ ކަމަށް އެ ލިސްޓުގައި ލަފާކޮށްފައިވެ އެވެ.
ޔޫތު މިނިސްޓްރީގެ ތަފާސްހިސާބުގައި ހިމަނާފައިވާ ގޮތުން މި މުއްދަތުގައި ސިވިލްސާވިސް ކޮމިޝަނުން ވެސް ވަނީ 9864 ވަޒީފާ އުފައްދާފަ އެވެ.