ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓް ވާނީ ޕަވާ ޝެއަރިން ޕްރެސިޑެންޓަކަށް ކަމަށާއި. ޕަވާ ޝެއަރިން ޕްރެސިޑެންޓަކަށް ކަންކަން ނިންމަން ވަރަށް އުނދަގޫ ވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން އިންތިޒާމް ކޮށްގެން ބާއްވާ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވާދަވެރި ކެންޑިޑޭޓްގެ މައްޗަށް އޭނާގެ ޕާޓީގައި ވެސް ލީޑަރަކު އެބަހުންނެވި ކަމަށެވެ. އަދި އޭނާ އާއި އެކު މަސައްކަތް ކުރައްވާ ޕާޓީތަކުގައި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި ކަަމަށެވެ. އަދި އެއީ ސަރުކާރުން ބައި އަޅަން ބޭނުންވާ ބޭފުޅުން ކަމަށާއި ޕާޓީގެ ބޮސް ބުނާ ގޮތް ނަހަދައިފިނަމަ އޭނާ އަށް މަގާމުގައި ވެސް ނުހުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އަޅުގަނޑަކީ ހަމައެކަނި ސިންގަލް ޕްރެސިޑެންޓް. މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް އަޅުގަނޑު މިވަނީ ގެނެސްދީފައި. އަޅުގަނޑުގެ ޕާޓީގެ ބޮސް ގަބޫލެއް ނުކުރައްވާ މަރުގެ ޙުކުމް ތަންފީޒު ކުރައްވަން ވާނެ ކަމަކަށް. ނަމަވެސް އެމަނިކުފާނުގެ ވިސްނުމާއި ދެކޮޅަށް އެކަން ކުރަން ނިންމީ. އަނެއް ކަމަކީ ރައްޔިތުންނަށް އަޅުގަނޑު ދައްކައިފިން ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެކަން.” ބަހުސް ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މި ބަހުސްގައި ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި އިތުރު ފަސް އަހަރު ފުރުމުގެ ފުރުސަތު އަރުވަންވީ ކީއްވެންތޯ ދެންނެވުނު ސުވާލަށް އިތުރަށް ޖަވާބު ދެއްވަވަމުން ޔާމީން ވިދާޅުވީ ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެކަން ރައްޔިތުންނަށް މިއަދު ދައްކަވައި ދެއްވަވައިފިކަމަށެވެ.
“ރާއްޖޭގެ އާބާދީގެ 2023 ވަނަ އަހަރު ރާއްޖެ އިން ވަޒީފާ އުފައްދާނަން ވަޒީފާ އަދާކުރަން މީހުން ނެތް ވަރަށް 63000 ވަޒީފާ އުފައްދާނަން. އެއް ބިލިއަން ޑޮލަރު ކުންފުންޏަކުން އިންވެސްޓް ކުރުމުން އިންވެސްޓަރުންގެ އިތުބާރު އެބަފެނޭ. އެންމެ ބޮޑު މައްސަލަައަކީ ބޯހިޔަވާހިކަން. އަޅުގަނޑު ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫޢުގައި އަޅާ އިމާރާތްތަކުގެ 17 ބުރި އެވަނީ ނިމިފައި. ގައުމީ އުފެއްދުންތެރިކަން މިއަދު 10000 އެމެރިކާ ޑޮލަރު. މިމަޝްރޫޢުތައް ނިމޭއިރު 20000 އެމެރިކާ ޑޮލަރަށް ޖެއްސޭނެ ކަމަށް އުއްމީދު ކުރެވޭނެ. މިސަރަހައްދުން ލިބޭނެ އެންމެ ރަނގަޅު ސިއްހީ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭނެ. އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަން. ދާހިލީ ނުފޫޒު ބޭރު މީހުންނަކަށް ނުލިބޭނެ.” ބަހުސް ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.