English Edition
Dhivehi Edition

ރާއްޖެއަށް ތަރައްޤީ ގެންނަން ކުރާ މަސައްކަތުން އެންމެ އުނދަގޫ ވަނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށާއި ތަރައްގީއަށް އެންމެ ބޮޑަށް ހުރަސް އެޅީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮތް ކައުންސިލް ތަކުން ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންނަ އާދީތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން އިންތިޒާމް ކޮށްގެން ބާއްވާ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކައުންސިލަރުން “މެޗުއަރ” ވާން ޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ މިހާރު ފެއިލްވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން ފާޙަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެމަނިކުފާނުގެ ސަރުކާރުން އަޅަން ބޭނުންވި ހުރިހާ ފުޓްސަލް ދަނޑުތައް އެޅުމަށް އެންމެ ބޮޑަށް ހުރަސް އެޅީ ބައެއް ކައުންސިލަރުން ކަމަށެވެ.

“މެޗްއާލިޓީ އައިސްގެން ލާމަރުކަޒީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރެވޭނީ. ލާމަރުކަޒީ ނިޒާމް އަކީ ތަރައްޤީގެ މަޝްރޫޢުތައް ގެނައުމުގައި ފެއިލް ވެފައިވާ ނިޒާމެއް.”ރައީސް ވިދާޅުވިއެވެ.