ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕީއެމްއިން ބާއްވާ އެންމެ ބޮޑު ޖަލްސާ މިމަހުގެ 18 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސާފައިވާ ބޮޑު ޖަލްސާ ފަސްކުރަން ޖެހުނީ އަތޮޅުތެރެއިން އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެ ޖަލްސާ ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައި ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 18 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވުމުން، އެދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަށް އަތޮޅު ތެރެއިން އަންނަން ބޭނުންވާ ފަރާތްތައް އައުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އަދި އެ ޖަލްސާގައި ރާއްޖޭގެ 187 ރަށަކުން ރައްޔިތުން ބައިވެރިވާނެ ކަމަށާ، އެ ރައްޔިތުންގެ ދަތުރުފަތުރާ ގުޅޭ މުހިއްމު މަސައްކަތްތަކުގައި ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އަބުދުއްރަހީމް ވިދާޅުވީ އެފަރާތްތައް މާލެ އަންނަނީ ޕާޓީގެ ފަރާތުން ޚަރަދު ކޮށްގެން ނޫން ކަމަށާ، އެބޭފުޅުން އަންނަނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި، އަމިއްލައަށް އެދިގެން ކަމަށެވެ.
އަބުދުއްރަހީމް ވިދާޅުވީ އެ ޖަލްސާއަކީ މުޅި ރާއްޖެ، ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވާން ބޭނުންވާކަން ހާމަކޮށްދިނުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި އެ ޖަލްސާގެ ތެރެއިން ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެ ހޯދި ކާމިޔާބީވެސް ފާހަގަކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ބާއްވާ ބޮޑު ޖަލްސާގެ 60 ނުވަތަ 70 އިންސައްތައާ ހަމައަށް ދިވެހި ޒުވާނުން ތިބޭތަން ﷲ އިރާދަކުރެއްވިއްޔާ އިދިކޮޅު ފަރާތްތަކަށް ފެނިގެންދާނެ ކަމަށް މީގެ ކުރިން ޕީޕީއެމުން ވަނީ ބުނެފައެވެ.