English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއް ތަރައްޤީކޮށް ޒަމާނީ ސިޓީއަކަށް ފުވައްމުލައް ސިޓީ ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް ރައީސް ކުރައްވަވާ ދަތުރުފުޅެއްގައި ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުން، ޒަމާނީ ސިޓީއަކަށް ފުވައްމުލަކު ބަދަލުވެގެންދާނެ ކަމަށެވެ.

ފުވައްމުލަކުގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވައި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމަށް ގުޅުނު މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ތަނެއްގެ ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ ވާހަކަ ދައްކާއިރު ޒުވާނުންނަކީ ތިބި ބައެއްކަމާއި ޒުވާނުންގެ ސަރުކާރެއް އުފެއްދީ މިސަރުކާރުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް މިހާތަނަށް 1100 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، ނަމަވެސް 2013 ގެ ކުރީގެ ފަސް އަހަރުގައި ހޭދަކޮށްފައިވަނީ 26 މިލިއަން ރުފިޔާކަމަށް ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.