English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތަރައްގީ އަށް ވޯޓް ދޭ ނަމަ އެ މަނިކުފާނަށް ވޯޓް ދިނުން ނޫން ގޮތެއް އައްޑޫ ރައްޔިތުންނަށް ވެސް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހިތަދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކޮށްފައި ވަނީ އައްޑުއަށް ކަމަށެވެ. އެގޮތުން، މި ސަރުކާރުން ހިތަދު އަށް އެކަނި 1.4 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާ އިރު މަރަދޫ އަށް 95 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު ފޭދޫ އަށް ސަރުކާރުން 284 މިލިއަން ރުފިޔާ ހޭދަކޮށްފައި އިރު ހުޅުދު އާއި މީދޫގެ ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން 350 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި އެ މަނިކުފާނުގެ ސަރުކާރުން އައްޑޫގެ ތަރައްގީގެ މަޝްރޫތަކެއް ހޭދަކުރެއްވި މިންވަރު އަޅައިކިޔުއްވައިފަ އެވެ. އެގޮތުން ނަޝީދުގެ ތިން އަހަރާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި އައްޑު އަށް ހޭދަކޮށްފައި ވަނީ 445 މިލިއަން ރުފިޔާ ނަމަވެސް މި ސަރުކާރުން މުޅި އައްޑު އަށް، 2.2 ބިލިއަން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ކުރީގެ އަދަދާ އަޅާކިޔާ ނަމަ ފަސް ގުނަ ބޮޑު އަދަދެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދެން ވެސް ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ އެ މަނިކުފާނަށް ކުރިއަށް ގެންދެވޭނީ ދެވަނަ ދައުރެއް ދީގެން ކަމަށެވެ.