ސަރުކާރުން އައްޑޫސިޓީން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ 2 ކެޓެގަރީ ތަކަކަކީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަކެޓަގަރީ އާއި ހުރިހާ އާންމު ކެޓަގަރީއެވެ.
އައްޑޫ ސިޓީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ރަށަކުންނެވެ. އެ ހަތަރު ރަށުގެ ތެރެއިން ހުޅުދޫ، މީދޫ އަދި ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ ބިމެވެ. އަދި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1400 އަޖަ ފޫޓުގެ ބިމެވެ.
މި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ލިބޭ ޕޮއިންޓްތަކަށް ބެލުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުުވިއެވެ.
ހައުސިންގ މިނިސްޓްރީން ގެ އިއުލާނުގައިވާ ގޮތުން މި ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން “ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު” ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް 12 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު 13 ސެޕްޓެމްބަރ 2018 އިން ފެށިގެން ލިބެން ހުންނާނެއެވެ.