ޗާންދަނީމަގުގައި ހުންނަ “ކޮމްޝޮޕް” ނަމަކަށް ކިޔާ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ ދަންވަރު 03:22 ހާއިރުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ . ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ސިފައިން އެސަރަޙައްދަށް ގޮސް، އެ ފިހާރައިގައި ރޯވެފައިވާ އަލިފާން ފެންޖަހައިގެން ނިއްވާލާފައިވަނީ ރޭ 03:48 ހާއިރުއެވެ. މި ހާދިސާގައި ރޯވެފައި ހުރީ އެ ފިހާރައިގައި ހުރި ކަރުދާސް ފައިލުތަކެއްގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އެހެންނަމަވެސް، އަލިފާނުގެ ސަބަބުން ފިހާރައަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. މި ހާދިސާ ހިނގަން މެދުވީ ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.