English Edition
Dhivehi Edition

މިމަހު 7 ވަނަ ދުވަހު ޕީޕީއެމްއިން އަލިމަސް ކާނިވާގައި ބޭއްވި “ބްރިޖު ސަޅި” ޖަލްސާގައި ދައްކާލީ ހަމައެކަނި މާލެ އޭރިއާގެ ސައިޒު ކަމަށާއި ދެން ދައްކާލާނީ ރައީސް ޔާމީނަށް އަސްލު ތާޢީދު އޮތް ސައިޒުކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިމަހުގެ 17 ނުވަތަ 18 ވަނަ ދުވަހު ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލަން ތައްޔާރުވަމުން އަންނަކަމަށެވެ.

“މިމަހުގެ17 ނުވަތަ 18 ގައި ﷲ އިރާދަކުރެއްވިއްޔާ ފުރަ މާލޭގައި ޕީޕީއެމްގެ ރަސްމީ އަދަދާއި، ސައިޒާއި، ނަންބަރާއި، ކޮލިޓީއާއި ކުލަވެސް އަޅުގަނޑުމެން ﷲ އިރާދަކުރެއްވިއްޔާ ސައިޒް ދައްކާލާނަން.” ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެމްޑީޕީގެ ފިކުރާއި، ފިކުރިއްޔާތުގެ ތެރެއަށް ދިވެހި ޒުވާނުން ދަތުރުކުރި ޒަމާން ވިއްސި ވިހާލިވެ މާޒީވެ ނިމިއްޖެކަން ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް އިދިކޮޅަށް ދައްކާލާނެކަމަށެވެ.

ނިހާން ވިދާޅުވީ، މާލޭގައި ހަފްތާއެއްގެ ތެރޭގައި ބާއްވާ ބޮޑު ޖަލްސާގެ 60 ނުވަތަ 70 އިންސައްތައާ ހަމައަށް ދިވެހި ޒުވާނުން ތިބޭތަން ﷲ އިރާދަކުރެއްވިއްޔާ އިދިކޮޅު ފަރާތްތަކަށް ފެނިގެންދާނެ ކަމަށެވެ.

“ރަސްމީ ސައިޒް، މި ސައިޒުގެ އެންމެ ކުރީގައި ތިބޭނީ ދިވެހި ޒުވާނުން. ހާއްޞަކޮށް ފުރަ މާލެއާއި، މާލެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން. ރައީސް ޔާމީނާ އެކުގައި ބުރިޖު ސަޅިވެފައި، ކޮށްދެއްވި ޚިދުމަތްތައް ސަޅިވެފައި، ފުޓްސަލް ދަނޑުތައް ސަޅިވެފައި، އެމީހުންނަށް ދިން ފުރުޞަތުތައް ސަޅިވީމަ އެ ހުރިހާ ސަޅިއެއް ﷲ އިރާދަކުރެއްވިއްޔާ ދައްކާލާނަން.” ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމްގެ ސައިޒް ދައްކާލާ ޖަލްސާގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި، ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ބާއްވަނީ ކޮންމެހެން އެމްޑީޕީން ޖަލްސާއެއް ބާއްވައިގެން ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ، މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާއަކީ ރަށްރަށުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫންކަމަށާއި، އަދި އެ ޕާޓީން ހިތްވަރު ދީގެންވެސް ރަށްތަކުން މީހުން ނުގެންނަ ކަމަށެވެ. އެހެންނަމަވެސް ފަހަރުގައި ރަށަކުން ބަޔަކު ނާދެއޭ ނުދަންނަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އަތޮޅު ތެރެއިން މީހުން ގެންނަން އަދި ނިންމާފައި ނުވާ ކަމަށާއި، އެހެންނަމަވެސް އަތޮޅު ތެރޭން މީހުން ގެންނަން ޖެހިއްޖެނަމަ އެކަން ކުރެވެނީ ކޮން ޕާޓީއަކަށް ކަންވެސް ފިސާރި ރަނގަޅަށް ދައްކާލައްވާނެ ކަމަށެވެ.