މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓު ލާން ހުޅުވާލާނެ ގަޑިތައް މިއަދު އިލެކްޝަން ކޮމިޝަން،(އީސީއިން) އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިންޑިއާ، ސްރީލަންކާ، އިނގިރޭސި ވިލާތް އަދި މެލޭޝިއާގައި ވޯޓު ލުން އޮންނާނީ ވަކި ގަޑިތަކެއްގަ އެވެ.
ކޮމިޝަނުން ކުރި އިއުލާނެއްގައިވާ ގޮތުން އިންޑިއާ އަދި ސްރީލަންކާގައި ވޯޓު ލާން ފަށާނީ ހެނދުނު 8:30 ގަ އެވެ. އަދި ވޯޓުލުން ބަންދު ކުރާނީ ހަވީރު 4:30 ގަ އެވެ.
އިނގިރޭސިވިލާތުގައި ވޯޓު ފޮށި ބަހައްޓާނީ އެ ގައުމުގެ ގަޑިން ހެނދުނު 9:30 ން ހަވީރު 5:30 އަށެވެ. މެލޭޝިއާގައި މެންދުރުކުރި 11:00 ން އިރުއޮއްސި 7:00 އަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މި ހަތަރު ގައުމުގައި
އެކަންޏެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވެ އެވެ. ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1،895 މީހުން ހަރަކާތްތެރިވާނެ އެވެ.