އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙުގެ ކިބައިގައި ރައީސް ޔާމީނާއި ވާދަކުރެއްވޭނެ ހަކަތަ ނެތްކަމަށާއި އިބޫގެ ނަން އަނބުރާ ގެންދިއުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވާފައެވެ.
ބުރިޖު ސަޅި މިނަމުގައި މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަށް ބަދަލު ނާންނަން ކަމަށާއި، ބަދަލުއައީ ރިޔާސީ ކެންޑިޑޭޓުގެ ނަމަށް ކަމަށެވެ.
“އިބޫއަކީ ރައްޔިތުންނަށް ދައްކާފައި ހުރި ނަޝީދުގެ ޕަޕެޓެއް. އަދިވެސް މުގުލުގައި ހުންނެވީ ނަޝީދު .. ނަޝީދު މުގުލުގައި ހުންނަވައިގެން ވެރިކަމަށް އަންނަ ޕާޓީއަކުން ގައުމަށް ހެޔޮއެދިގެން އެއްވެސް ކަމެއް ނުކޮށްދޭނެ” އަބްދުއްރަހީމް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މީގެ ކުރިން ވެސް ރައީސުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވުމަކީ ކަންތައްވެފައި އޮތް ގޮތް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަކީ ވެސް އެމްޑީޕީގެ ސަރުކާރުން ކުރި ވައްކަމެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
“ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ . ކަރަކަރައަށް ގޮސް ވެރިކަން ހޯދާ ބަޔަކު ދިވެހި ރައްޔިތުންނަށް ހެވެއް ނޭދޭނެ” ކަމަށް އޭނާ ވިދާޅުވިއެވެ.
23 ސެޕްޓެމްބަރ ގައި މިނިކުންނަނީ ގައުމީ ޖިހާދެއް ކުރަންކަމަށާއި މިޖިހާދުގައި ދިވެހި ކޮންމެ ރައްޔިތަކު ވަރަށް ސާބިތުކަމާއި އެކު ފައިތިލަ ސާބިތު ކުރަން އެބަޖެހޭ ކަމަށް ވިދާޅުވަމުން އި އެއީ އިސްލާމްދީނުގެ ޙައްޤުގައި ކުރާ ޖިހާދެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.