24 ގަޑިއިރު ކަރަންޓް ޔަގީން ކުރުމަށްޓަކާ ޗައިނާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ހަދިޔާކުރި ޖަނަރޭޓަރު ހަވާލުކުރުމުގެ ރަސްމިއްޔާތު މެޑަމް ފާތުމަތު އިބްރާހީމް އިފުތިތާޙުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ ދަތިކަން ހައްލުކޮށްދެއްވުމަށް ފަށަފާއިވާ މަސައްކަތުގެ ތެރެއިން 35 ޖެނެރޭޓަރ ގެނެސް ރަށްތަކަށް 24 ގަޑިއިރު ކަރަންޓް ޔަގީންކޮށް ދިނުމަށް މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
“24 ގަޑިއިރު ކަރަންޓް ޔަގީން”ގެ ނަމުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ބަޑިބޭހުގެ ހަރަކާތްތައްވެސް އެ ސަރަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ހަވާލުކުރެވުނު ޖެނެރޭޓަރުތަކަކީ ޗައިނާގެ އެހީގެ ދަށުން ލިބުނު ޖެނެރޭޓަރުތަކެއް ކަމަށް އެންވާރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ތޯރިގް ވިދާޅުވީ، މި ޖެނެރޭޓަރުތައް ރަށްރަށަށް ފޯނުވައި ވަރަށް އަވަށް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އިންޖީނުގެތައް އަޅާ، މިހާރަށްވުރެ ރަނގަޅަށް ކަރަންޓް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
24 ގަޑިއިރު ކަރަންޓް ޔަގީން ކުރުމުގެ މުހިންމުކަމުގެ ވާހަކައަށް އަލި އަޅުއްވާލައްވާ މިނިސްޓަރ ތޯރިގު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން ކަރަންޓް ނުލިބޭ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ފުރަތަމަ 77 ޖަނަރޭޓަރު ގެނެސްދެއްވި ކަމަށެވެ. އަދި އެ 77 ޖަނަރޭޓަރު ރަށްތަކަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ޔުޓިލިޓީޒް ކުންފުނިތައް ހަދައިގެން ރަނގަޅު ހިދުމަތްތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހިދުމަތުގެ ފެންވަރު ދަށްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އިންޖީނުގެތަކުގެ ފެންވަރު ދަށްވެގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.