English Edition
Dhivehi Edition

އައްޑޫސިޓީ ފުލުހުންގެ ޚާއްސަ މާހެފުމެއް، އީކުއޭޓަރވިލެޖުގައި މިރޭ 9:00 ގައި ބާއްވައިފިއެވެ. ގިނައަދަދެއްގެ ފުލުހުންނާއި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މާހެފުން ފަށްޓަވައި ދެއްވީ ސަދަން އޮޕަރޭޝަން ކޮމާންޑުގެ ޑެޕިޔުޓީ ހެޑު ޗީފް ސްޕްރިޓެންޑެންޓް މުހައްމަދު ޝިހާމެވެ. މި މާހެފުމުގައި އީކުއޭޓަރވިލެޖުގެ މެނޭޖަރ މުހައްމަދު ވަހީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން ސައުތުޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ މާހެފުން އީކެއޭޓަރވިލެޖުގައި ބާއްވައި ދެއްވުމަށްޓަކައި މެނޭޖަރ ވަހީދު ވެދެއްވެވި އެހީތެރި ކަމާއި އެއްބާރުލެއްވުމަށްޓަކައި އޭނާއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. ރޯދައިގެ ކުރިން މިފަދަ އެއްވުމެއް ބޭއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާހެފުމާ ބެހޭގޮތުން އައްޑޫސިޓީ ކޮމާންޑަރ އިންސްޕެކްޓަރ އޮފްޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މި މާހެފުމަށް އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންގެ 95 އިންސައްތަ މީހުން ހާޒިރުވި ކަމަށެވެ.