English Edition
Dhivehi Edition

ކައިވެނިކުރަނީ ވަރަށްގިނަ ވައުދުތަކަށްފަހު ވަރަށް ފޮނިއުންމީދުތަކާ އެކުގައެވެ. އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްކުރުމަށްފަހުގައެވެ. ކައިވެނީގެ ކުރިން ވަރަށްގިނަފަހަރު އެކަކު އަނެކަކު ބެނުންވާ ގޮތާމެދު މަޝްވަރާކުރެވެއެވެ. ދެމީހުންގެ މިޒާޖުގައި ވާކަންތައްތަކުގެ ވާހަކަވެސް ހިއްސާ ކުރެވެއެވެ. އެހެންނަމަވެސް ދެމީހުންގެ އަސްލު ހަގީގަތް ހާމަވެގެން ދަނީ ދެމީހުން ކައިވެންޏަށްފަހުގައި އެކީ އުޅެންފެށުމުންނެއެވެ. ގިނަކައިވެނި ތަކުގައި ރައްޓެހި ވެގެން އުޅުނު އިރު ވާހަކަދެއްކުނު ގޮތާ ޚިލާފަށް ދެމީހުންގެ އަމަލު ތައް ހުންނަކަން ފާހަގަކުރެވެއެވެ.

މިހެން މިކަންތައް ވުމުން ބައެއް މީހުން އެކަކު އަނެކަކާ ޒުވާބު ނުކުރުމަށް ފެންނަ ނުރުހޭކަންތައް ހިންދާލައިގެން ތިބެއެވެ. އަނެއްބަޔަކު އެކަންތައް ހުއްޓުވުމަށް މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކާއިރު މަދުންނަމަވެސް ރުޅިއަިއސް ޒުވާބުކޮށް ވަރިފަށަށް އާރާ ކައިވެނިތައްވެސް މަދެއް ނޫނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އާންމުކޮށް ކައިވެނީ ގެ ކުރީ ކޮޅު ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަކީ ވަރަށް އާދައިގެ މައްސަލަތަކެކެވެ. އެހެން ކަމުން މިކަހަލަ ކުދި ކުދި މައްސަލަތަކަކީ ހައްލު ކުރެވޭނެ މައްސަލަތަކަށް ވުމާއެކު ދެމަފިރިން ކައިވެނީގެ ކުރިންވެސް ފަހުންވެސް މިފަދަ މައްސަލަތަކާ މެދު ވިސްނާލުން ބުއްދިވެރިއެވެ.

ތިރީގައި މިވަނީ އާންމުކޮށް ދެމަފިރިންގެ ދެމެދުގައި ޖެހޭ އާދައިގެ ކޫސަނި މައްސަލަތަކެވެ.

– ތެތް ތުވާލި

އާންމު ގޮތެއްގައި ފިރިހެނުން ފެންވަރާލައިގެން ނިކުމެ ތެތްތުވާލި އެނދުމަތީ ބާއްވައެވެ. ނޫނީ ކޮޓަރިތެރޭގައި ހުންނަ ގޮނޑި އެއްގެ މައްޗަށް އެއްލާލައެވެ. މި މަންޒަރަކީ އަނބިމީހާއަށް ބަލަން ކެތްވާވަރުގެ މަންޒަަކަށް ނުވުމަކީ ޝައްކެއް އޮތްކަމެއް ނޫނެވެ. ފަހުގެ ދިރާސާ އެއްގައި އަންހެން ވެރީން ބުނެފައިވަނީ ފިރިންގެ މިއަމަލަކީ އެމީހުންގެ ގައިގައި ތަރުތީބު ކަމެއް ނެތްކަން ދައްކުވައިދޭ ކަމެއްކަމަށެވެ.

– ރީތިވާން ގިނައިރު ނެގުން

ކައިވެންޏަށް ފަހު މައްސަލަތައް ފެންނަނީ ފިރިމީހާގެ ފުށުން އެކަންޏެއް ނޫނެވެ. އާންމު ގޮތެއްގައި ދެމަފިރިން އެކީ ބޭރަށް ދާން ނިންމައިފިއްޔާ އަންހެން މީހާއަށް ރީތި ވެވެނީ މާލަހުންނެވެ. މިމައްސަލައަކީ ފިރިންނަށް ބަލަން ތިބެން ފަސޭހަ މަންޒަރަކަށް ވަނީ ނުވެފައެވެ.

– އެޔަރކޮންޑިޝަންގެ މައްސަލަ

ނިދަން ކޮޓަރިއަށް ވަނުމަށްފަހު އޭސީ ގެ ރިމޯޓް ނަގަން ދެމީހުންވެސް އަވަސްވެގަނެއެވެ. އޭސީގެ ޓެމްޕަރޭޗަރ އެކަކަށް ގަދަވާއިރު އަނެކަކަށް މަޑުވާ މައްސަލަ އަކީ ވެސް ކައިވެނީގައި ޖެހޭ މައްސަލަ އެކެވެ.

-މާގިނައިރު ނިދުން

އަލަތު ކައިވެންޏަށްފަހު އަނބިމީހާ ހެނދުނު ހޭލާ އަވަދި ނެތި މަސައްކަތުގައި އުޅޭއިރު ފިރިމީހާ ނިދާފަ އޮތުމަކީ ވަރަށް ގިނައިން ޖެހޭ މައްސަލައެކެވެ. ބައެއް މީހުން މާބޮޑު ކަމަކަށް ނެހެދިޔަސް ގިނަމީހުން ބޭނުން ވަނީ ފިރިމީހާވެސް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ބައިވެރިވެ ދެމީހުން އެކީގައި ނާސްތަކުރުމެވެ. އަނބިން ބުނެފައި ވާގޮތުގައި ފިރިން އެމީހުންނާ އެކު ތެދުވެ މަސައްކަތުގައި އެހީ ވުމަކީ ވަރަށް އުފާވާ އަދި ލޯބި އިތުރު ކޮށްދޭކަމެކެވެ.

– ކޮޓަރީގެ ބޮކި

ދެމީހުން ނިދަން ކޮޓަރިއަށް ވަނުމާއެކު އެކަކު ބޮކިނިވާލައި އަވަހަށް ނިދަން ބޭނުން ވާއިރު އަނެކަކު ބޮކި ދިއްލައިގެން ފޯނާކުޅެން ނުވަތަ މަސައްކަތެއްގައި ހުރުމަކީ ވެސް ވަރަށް ގިނަފަހަރު ދެމަފިރިން ދޭތެރޭގައި ޖެހޭ މައްސަލައެކެވެ.

– ކަންނެއްވުން

ފޮނި އުންމީދު ތަކަކާއެކު އެކަކު އަނެކަކަށް އެހީވަނެ ކަމުގެ ވައުދުތަކަކާ އެކު ކައިވެނި ކުރުމަށްފަހު ގިނަފަހަރު މުޅިގޭގެ ހުރިހާ ކަމެއްގައި އަނބިމީހާ މަޝްއޫލު ވެ އުޅެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ފިރިމީހާ އާއެއްވަރަށް އަނބިމީހާ އަކީ މަސައްކަތް ކުރާމީހެއްކަން ދަނެ ގޭގައި އުޅޭވަގުތު ފިރިމީހާވެސް އަނބިމީހާ އަށް ގޭގެ ކުދި ކުދި މަސައްކަތްތަކުގައި އެހީވެދިނުމަކީ ދެމީހުން އެކަކު އަނެކަކާ ދޭތެރޭގައި އަޅާލާ މިންވަރު ހާމަވެގެންދާނެ ކަމެކެވެ.

– ކެއުން

ކެއިން ބުއިމުގައި ވަރަށްގިނަމީހުން ގެ ރަހަ ތަފާތެވެ. އެހެންކަމުން އެއްބަޔަކު އަބަދު އެކައްޗެއް ކާންބޭނުން ވާއިރުއަނެއްމީހާ ތަފާތު އެކި އެއްޗިހި ކާންބޭނުން ވެއެވެ. ރައްޓެހިވެގެން އުޅޭއިރު އެކަކު އަނެކަކަށް ބޭނުންވެފައި ހުންނަވަރުން ޑޭޓްތަކަށް ގޮސް އެކައްޗެއް ކައި ހެދިޔަސް ފަހުން އެކީއުޅެންފެށުމުން ކެއުމުގައިވެސް ދެމީހުންގެހުންނަ ތަފާތު ފެނި މައްސަލަތައް ޖެހެއެވެ.

އެހެންކަމުން މިފަދަ މައްސަލަތައް ޙައްލުކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދީ ވާހަކަދައްކައިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ.