އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) އެވެ.
ފުލުހުން ވަނީ ހަމްދޫން ހަމްޒަތުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ
ހުކުރު ދުވަހުގެ ރޭ އިރާކޮޅު އެމްއެމްއޭ ސަރަހައްދުގައި އިބްރާހީމް އާގިލުއަށް ހަމަލާދީ އޭނާގެ މޭ މައްޗަށް ވަނީ ވަޅި ޖަހާފައެވެ. އާގިލް އަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓާލަށް ގެނދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ