ޕީއެސްއެމްގެ ސްޕޯޓްސް އެގްޒެކެޓިވް އެޑިޓަރުގެ މަގާމުގައި ހުންނެވި ހަފްސީ އަބުދުﷲ ޕީއެސްއެމްގެ ވަކިވެއްޖެ އެވެ
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔެއްކަމުގައިވާ ހަފްސީ އިސްތިއުފާ ދެއްވައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ މީޑިއާގައި މަސައްކަތް ކުރަންފެށީ އެ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މީޑިއާއެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ މީޑިއާ ގެ ޒިންމާއަކީ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު އޮންނަންޖެހޭ، ހަމަހަމަ ކަމާއެކު ތެދު ހަބަރު ފެތުރުމާއި އިޖްތިމާއީ، ސިޔާސީ އަދި އަހުލާގީ ސިފަތަށް ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. އެހެން ނަމަވެސް ޕީއެސްއެމްގައި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް އަދި މާހައުލެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާއަށް ހިދުމަތް ކުރި ދިގު މުއްދަތުގެ ތެރޭގައި މިހާ ހަރާބު ދުވަސްވަރެއް ނުދެކޭކަމަށް ހަފްސީ ވަނީ ބުނެފައެވެ.