English Edition
Dhivehi Edition
ޕީއެސްއެމް
ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް ހައިކޯޓުން އަންގައިފިއެވެ.ހައިކޯޓުން ބުނީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، (އެމްއެންބީސީ) އަކީ އުވާލާފައިވާ ކުންފުންޏަކަށް ނުވާއިރު، އެ ކުންފުނިން ޒިންމާ އުފުލަންޖެހޭ ކަމެއްގައި ޕީއެސްއެމްއިން ޒިންމާވާން ނުޖެހޭނެކަމެވެ.”އެހެންކަމުން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ޕީއެސްއެމްގެ މައްޗަށް ތަންފީޒު ނުކުރެވޭނެ,” ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްއެންބީސީން ބިޒްނަސް އިމޭޖް ގްރޫޕަށް 78.5 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. 78.5 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް އޭރު ހުކުމްކުރީ ބިގް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ 5 މިލިއަން ރުފިޔާ ނުދައްކައިއޮތުމުންނެވެ.

ސިވިލް ކޯޓުން 2016 ހުކުމްކުރިއިރު ދައުލަތުގެ މީޑިއާ ހިންގަމުންދިޔައީ ޕީއެސްއެމްގެ ދަށުންނަމަ ވެސް، މައްސަލަ ކުރިއަށްދިޔައިރު ޕީއެސްއެމް ބައިވެރިކޮށްފައެއް ނުވެއެެވެ.

5 މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލައެއްގައި 78.5 މިލިއަން ރުފިޔާ ދައްކަން އެންގި ހުކުމް 2019 ވަނަ އަހަރު ޕީއެސްއެމްއިން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން ނިިންމެވީ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅިކަމަށެވެ.

ހައިކޯޓުގެ ނިންމުން ޕީއެސްއެމްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޕީއެސްއެމްއިން ބިގަށް ފައިސާ ދައްކަން އެންގި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެކަމަށް ކަނޑައަޅައި، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަމުރުކޮށްފައެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު މިއަދު އިއްވެވި ހުކުމްގައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕަށް 78.5 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައެވެ. އަދި މި މައްސަލަ އަލުން ސިވިލް ކޯޓުން ބެއްލެވުމަށްވެސް ވަނީ އަމުރުކޮށްފައެވެ.