English Edition
Dhivehi Edition

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ އަކީ ޕީއެސްއެމް އިން އެ ކޮމިޝަނަށް ހުށަހަޅައިގެން މިއަހަރުގެ ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެ ކޮމިޝަނުން ބުނީެފައިވަނީ މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގު ނިންމައި، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައާ ގުޅުންހުރި ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިއަށްދިޔައިރު، އޮޑިޓް އޮފީހުން އެ ކޮމިޝަނާ މަޝްވަރާ ކުރި ކަމަށެވެ.

ޕީއެސްއެމްއަށް ޑޮލަރު މާރު ކުރުމަށާއި ކުންފުނީގެ އާމްދަނީ އާއި ތިޖޫރީން ޖުމްލަ 9 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އެ ހިޔާނާތުގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފްގެ ދަރިފުޅުގެ އެކައުންޓަށް 1.16 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ މައްސަލަ ތަހުގީގުކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓުން ވަނީ ހާމަަވެފައެވެ.

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޖުމުލަ 9,034,083 ރުފިޔާ އެ ކުންފުނީގެ މާލިއްޔާއިން ގެއްލިފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ:

  • ޕީއެސްއެމްއަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4.58 މިލިއަން ރުފިޔާއާ
  • 2017 ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ
  • އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.26 މިލިއަން ރުފިޔާ
  • ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާ

އެ ރިޕޯޓުގައި ވާގޮތުންނަމަ އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާގެ ޑޮލަރު ގަތުމަށް ނަގާފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކި ފަހަރު މަތިން ޖަމާކޮށްފައި ވަނީ ޕީއެސްއެމްގެ ކުރީގެ، ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށެވެ. އަދި އެ ފައިސާގެ ތެރެއިން 403،122 ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި، އެ ފައިސާ ހަރަދު ކުރުމުގައި ހުއްދަ ދީފައިވަނީ ވެސް އޭނާ ކަމަށް ވަނީ ބުނެފައެވެ. އަދި 5.79 މިލިއަން ރުފިޔާގެ ތެރެއިން 4.58 މިލިއަން ރުފިޔާއަށް ލިބެންވާ 297،257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.