English Edition
Dhivehi Edition

މުސާރައިގެ މައްސަލާގައި ޕީއެސްއެމްގެ ޓެކްނިކަލް ސްޓާފުން އިހުތިޖާޖުކުރުމުގެ ސަބަބުން ޓީވީ ޗެނަލްތައް ހުއްޓިއްޖެއެވެ.

މުސާރައިގެ މައްސަލާގައި ޕީއެސްއެމް ޓެކްނިކަލްގެ ގިނަ އަދަދެއްގެ ސްޓާފުން ވަނީ އިހުތިޖާޖުކުރުމުގެ ގޮތުން މިއަދު އޮފީހަށް ސަލާމްބުނެފައެވެ. އޭއޯ ނިއުސްއަށް މަޢުލޫމާތު ލިބުނު ގޮތުގައި ހެނދުނު ޝިފްޓުން އެކަނިވެސް ޓެކްނިކަލް ޕޫލްގައި މަސައްކަތްކުރާ 21 ސްޓާފުން ވަނީ ސަލާމްބުނެފައެވެ. ހެނދުނު ޝިފްޓްގައި 24 ސްޓާފުން ހިމެނޭއިރު، މީގެ ތެރޭގައި އޮފް ޑިއުޓީގައި ތިބި މީހުންވެސް ހިމެނެއެވެ. ހެނދުނު ޝިފްޓު މަސައްކަތަށް ނުކުމެފައިވަނީ އެންމެ ކެމެރާމަނެއްކަމަށްވެސް މައުލޫމާތުލިބެއެވެ. މީގެ އިތުރުން މެންދުރު ފަހު ސެޝަންގެ ހުރިހާ ސްޓާފުންވެސް އިހުތިޖާޖުކުރުމުގެ ގޮތުން ސަލާމްބުނުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ޓެކްނިކަލް ޕޫލަކީ ޓީވީ ޗެނަލްއަދި ރޭޑިއޯ ޗެނަލްގެ ލައިވްތަކާއި ރެކޯޑިންގތަކުގައި އަމަލީގޮތުން މަސައްކަތް ކުރާ މުވައްޒަފުންނެވެ. ޓެކްނިކަލް ޕޫލްގައި 63 މުވައްޒަފުން ހިމެނޭއިރު އިހުތިޖާޖުގައި ބައިވެރިވެ ނިވްސްއެންޑް ކަރަންޓް އެފެއަރޒްގެ ޓެކްނިކަލް ގިނަ މުވައްޒަފުންތަކެއްވެސް މިއަދު ވަނީ ސަލާމްބުނެފައިއެވެ.

” މިއަދަކީ ލައިވް އަދި ރިކޯޑިންގތަށްވެސް ގިނަ ދުވަހެއް، އެހާ ގިނަ ސްޓާފުން އެއްފަހަރާ ސަލާމްބުނުމުން ތަންއޮތީ ހުއްޓިފައި، މުޅިން ފަޅުތަނެއްގޮތުގައި ތަން އޮތީ،” ޓީވީއެމްގެ ޕްރޮޑިއުސަރަކު މައުލޫމާތުދެމުން ބުންނެވެ.

ޓެކްނިކަލް މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ދާދިފަހުން ޕީއެސްއެމްގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލާއި ގުޅިގެން އެކަން ހައްލުކުރަން އުޅެއުޅެ ކުރިއެރުމެއް ނުލިބުމާއި ގުޅިގެންނެވެ. މުސާރައިގެ ކުރިއެރުމެއް ނުލިބި ތިއްބާ ޕޭ ސްޓަރަކްޗަރއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ބައެއް މުވައްޒަފުންނަށް ބޮޑުވެފައިވަނީ 500 ރުފިޔާއާއި 50 ރުފިޔާއާއި ، 30 ރުފިޔާގެ ކުރިއެރުމެކެވެ. ދާދިފަހުންވަނީ އެމްޑީ ހިމެނޭހެން އެޗްއޯޑީގެ ހުރިހާ އެންމެންގެވެސް މުސާރަ ބޮޑުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ޑިޕާޓްމަންޓްތަށްވެސް ހިމެނެއެވެ.

” ޓެކްނިކަލް ޕޫލްގެ މުވައްޒަފުންނާއި ޖެހުނީމަ އާ އޮނިގަނޑަށް އަމަލުކުރަންފަށާފައިވާކަމަށް މައުލޫމާތު ލިބެނީ”.

މިކަމާއި ގުޅިގެން ޓެކްނިކަލް ސްޓާފުން އެދިގެން އެމްޑީ ބައިވެރިވި އެޗްއާރު މީޓިންގް އެއް މިމަހުގެ 14 ވަނަ ދުވަހުވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެޗްއާރް ހެޑް މުހައްމަދު ޖިނާހު ވަނީ މުވައްޒަފުން އަޑުގަދަކުރާނަމަ އޭނާއަށްވެސް އަޑުގަދަ ކުރެވިދާނެކަމަށާއި، ޖަހަން ޖެހިއްޖެނަމަ ޖެހިދާނެކަމަށް ބުނެ މުވައްޒަފުންނަށް ބިރުދައްކާ،ފައެވެ.. އަދި އެވަގުތު އެމްޑީ އަލީ ޚާލިދުވަނީ ކަލޭމެންނާއި ދެން ބައްދަލުކުރާނީ ކަލޭމެން ތަހުޒީބުވި ދުވަހަކުން ކަމަށް ބުނެ ބައްދަލުވުން ދޫކޮށްގޮސްފައެވެ.

ޕީއެސްއެމްގެ ހިންގުން ދޯދިޔާވެފައިވާއިރުވެސް މިދަނޑިވަޅު، އެމްޑީ ހިމެނޭހެން ހުރިހާ އެޗްއޯޑީން ގެންދަވަނީ ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް ޚިޔާލުހޯދާ މަޝްވަރާ ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. މިވަގުތުވެސް މި ޓީމް ވީ އައްޑޫ ސިޓީގައެވެ.