ދިއިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކޮލަމާފުއްޓަށް ކުރައްވާ ދަތުރުފުޅު ފަސް ކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފިއެވެ.
ފުލުހުން މިކަމަށް އެދިވަޑައިގެންނެވީ ދެންމެ ބެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަދައްކަވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިވަގުތު މުހައްމަދު ސޯލިހް ( އިބޫ) އެ ރަށަށް ދިޔުމަށް ސަލާމަތީ ކަންކަން ތަން ނުދޭ ކަމަށެވެ. ޝިފާން އިތުރަށް ވިދާޅުވީ ގއ. ކޮލަމާފުށީގައި ދިމާވި މައްސަލަ އާއި ގުޅިގެން ފުލުހުން ސެކިއުރިޓީ އެސެސްމަންޓް ހަދާ ފުލުހުން ސެކިއުރިޓީ އެނަލިސިސިސް ހަދާ ބަލާއިރު މިދުވަސްކޮޅު ގއ. ކޮލަމާފުއްޓަށް ކެމްޕެއިން ކަންކަން ނުވަތަ ހަރަކާތްތައް ހިންގުމަށް ފުރުސަތު އެހާ ބޮޑަށް އޮތް ކަމަށް ގަބޫލު ނުކުރެވެއެވެ.
އިބޫގެ ދަތުރުފުޅު ފަސްކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފައިވާއިރުއެމްޑީޕީގެ އެކްޓިވިސްޓުން ނިކުމެ ކޮލަމާފުށީގައި ދަމާފައިވާ ޕީޕީއެމްގެ ދިދަތައް ކަނޑައި އެޕާޓީގެ ޖަގަހައަށް ގެއްލުން ދީފައިވެއެވެ. ހިނގާ ދިޔަ ހާދިސާ އާގުޅިގެން އެމްޑީޕީގެ 18 ސަޕޯޓަރަކު މިއަދު ކޮލަމާފުށިން ވަނީ ހައްޔަރުކޮށްފައެވެ.