އައްޑޫ ސިޓީގެ ހުޅުމީދޫގައި ހަދަމުންދާ ‘އައްޑޫ ފިޝަރީސް ކޮމްޕްލެކްސް’ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފިއެވެ
އަންނަ މަހުގެ 9 ވަނަ ދުވަހު އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު މިތަން ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެވެ
މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ވަގުތައް ބޭނުންވާ މުއައްޒަފުން ވަޒީފާއަށް ނެރެފައިވާއިރު ތަމްރީންތައް ހެދުމަށްވެސް ބައެއް މުއައްޒަފުން ވަނީ ކުއްޑޫ މަސްފެކްޓްރީއަށް ފޮނުވާފައެވެ. މިފްކޯއަށް މި ވަގުތު ބޭނުންވާ 30 އަށްވުރެ ގިނަ މުއައްޒަފުން ނަގާފައިވާއިރު މި ތަން ހުޅުވި މަސައްކަތް ހިނގައިގަތުމުން ދުއިސައްތައަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 2014 ވަނަ އަހަރު އިފުތިތާހު ކުރި މަޝްރޫއެކެވެ. މިމަސްފެކްޓަރީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ޑިސެމްބަރުމަހުގެ ފަހުކޮޅުގައެވެ.މިފެކްޓްރީގެ މަސައްކަތް ފައްޓަވާދެއްވީ އެކަމަށްޓަކާ އައްޑޫސިޓީ ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ހަރަދުގެ އިންވެސްޓްމަންޓަކުން އަޅާ މި ފެކްޓްރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މީގެ އިތުރުން 250 ޓަނުގެ ފެން އެއް ފަހަރާ ރައްކާކޮށްފައި ބެހެއްޓޭނެ އެވެ