English Edition
Dhivehi Edition

ޕީޕީއެމްގެ ފަރާތުން މާސިންގާ ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ޖަލްސާ ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާއާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، މި ޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބްރިޖް ގެ މަޝްރޫއު ނިމި އެ މަޝްރޫއުގެ ކާމިޔާބީވެސް އެ ޖަލްސާގެ ތެރެއިން ފާހަގަކުރާނެކަމަށް ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ޖަލްސާގައި އެންމެ ޚާއްސަ ވެގެން ދާނެ އެއް ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގެ މުހިންމު ވައުދުފުޅުތައް ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށާއި މެނިފެސްޓޯގެ މުހިންމު މައުލޫމާތުތައް ޖަލްސާގެ ތެރެއިން ލިބިގެން ދާނެކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

މި ޖަލްސާއަށް ޕީޕީއެމްއަށް ތާއީދު ކުރާ ފަރާތްތަކަށާއި
އިދިކޮޅު ފަރާތްތަކައްވެސް ދައުވަތު އަރުވާ ކަމަށް ވިދާޅުވަމުން ނިހާން ވަނީ މާލެ ސަރަހައްދުގައި ހުރި ރަށްތަކުން ސަޕޯޓަރުން މި ޖަލްސާއަށް އައުމަށް ދައުވަތު އަރުވާފައެވެ.