English Edition
Dhivehi Edition
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ: އެ ކޮމިޓީން ވަނީ ދެ އިންތިހާބު އެއްކޮށްލާ ބިލު އެއްވެސް އިސްލާހެއް ނުގެނެސް ފާސްކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، އެއްވެސް ބަދަލެއް ނުގެނެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރީ ފަސް މިނެޓަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. މީގެ އިތުރުން، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން، މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި ބަދަލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގެންނަ ބަދަލެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. ޖުލައި 7، 2024ގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައްތައް ސަރުކާރަށް ނިންމައިދެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލާ ގުޅިގެން ސިޔާސީ ދާއިރާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރެއިން މި ނިންމުމަށް މަރުހަބާ ވިދާޅުވީ ހަމައެކަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް، އެމްޑީޕީގެ މަޖިލިސް މެންބަރުން މި އިސްލާހާ ދެކޮޅަށް ވަކާލާތު ކުރައްވާފައިވާއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ މިކަމާ ދެކޮޅުކަން ފާޅުކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ މި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ހިތްހަމަނުޖެހުން ހާމަކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ކުރާ މަސައްކަތަކީ ހަމައެކަނި ބާރު ދެމެހެއްޓުމަށް ކުރާ ކަމެކެވެ. އަދި މިއީ އަމިއްލަ އެދުން އިސްކޮށް، މުޅި ޤައުމާއި ރައްޔިތުން ނުރައްކާތެރި ހާލަތަކަށް ހުށަހެޅުން ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮމިޓީ މަރުހަލާއިން މި އިސްލާހު ފާސްވެފައިވާއިރު، ދެން އޮތް ފިޔަވަޅަކީ މަޖިލީހުގެ އާންމު ޖަލްސާއަށް މި ރިޕޯޓު ހުށަހަޅައި، އެކަމާމެދު އެންމެ ފަހުގެ ގޮތް ނިންމުމެވެ.