މިމަހުގެ 24 ވަނަ ދުވަހު “ފޭސްބުކް” ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދަމުން ދަނިކޮށް އަމިއްލަ އަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.
ފުލުހުން ބުނީ މިރޭ 18:50 ގައި ނަޝްފާ އަމިއްލަޔަށް ފެމެލީ އެންޑް ޗައިލްޑް ޑިޕާޓްމެންޓަށް ގޮސްފައިވާކަމަށެވެ. ފުލުހުން ވަނީ ނަޝްފާ ފުލުހަށް ހާޒިރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ތިން އަންހެނުން ވެގެން އެ އަންހެން ކުއްޖާ އެކަހެރި ސަރަހައްދަކަށް ގެންގޮސް އެކުއްޖާގެ މޫނުމަތީގައި ޖަހައި، ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ. އަދި ތަފާތު އެކި އިންޒާރުދީ އެކުއްޖާއަށް ގޯނާކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.އަދި ބިރުދައްކާފައިވެސްވެއެވެ.