ސިނަމާލެ ބްރިޖްގައި ރެނދު ނުލާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖްގައި ރެނދު އެޅި ހަލާކު ވެފައިވާކަމަށް ބުނެ މީސްމީޑިއާގައި ފޮޓޯތަކެއް ދައުރު ވަމުން ދާތީ އެކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ވަމުންދާ ފޮޓޯއަކީ އަވަށްޓެރި ގައުމެއްގެ ބްރިޖެއްގެ ފޮޓޯއެއްކަމަށެވެ. މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދަން ކުރާ ކޮންމެ ކަމަކުން ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަ ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް ކަމަށެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރަނީ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު ކަމަށްވާއިރު ހުޅުވިގެންދާ ބްރިޖާ އެކު ތިން މިނެޓަށް މިދަތުރު އަވަސް އަވަސްވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.