މައްޝޫރު ސީރީސްއެއް ކަމަށްވާ ބިގް ބޭންގް ތިއަރީ 2019 ވަނަ އަހަރު ނިންމާލަން އުޅޭކަމަށް ހަބަރުތައްބުނެއެވެ. އެންމެ ގިނަ ދުވަހަށް ދެމިގެންމިދާ އެމެރިކާގެ އެއް ޓީވީ ސީރީޒް” ދަ ބިގް ބޭންގް ތިއަރީ”ގެ އެންމެ ފަހު ސީޒަން، ސެޕްޓެމްބަރ 24 ވަނަ ދުވަހު ދައްކަން ފަށާނެއެވެ. 12 ސީޒަނަށްފަހު ސީރީޒް މުޅިން ނިންމާލަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުއެވެ.
ދަ ބިގް ބޭންގް ތިއަރީގެ 6 ވަނަ ސީޒަން 2012 ވަނަ އަހަރު ދައްކަން ފެށިފަހުން، ކޮންމެ އަހަރަކުވެސް 18 މިލިއަނަށްވުރެ ގިނަ މީހުން ދަނީ އެ ޝޯވ ބަލަމުންނެވެ. 11 ވަނަ ސީޒަންގެ ކޮންމެ އެޕިސޯޑެއް 18.6 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. މިއީ ރައްޖޭގަވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީސްއެކެވެ.
ޓީވީ ޝޯވތަކަށް ހާއްސަކޮށްގެންދޭ ގިނަ އެވޯރޑްތަކެއްވެސް ހާސިލުކޮށްފައިވާ ދަ ބިގް ބޭންގް ތިއަރީ ނިންމާލާ ޚަބަރު އާންމުވުމާއިއެކު ދެކޮޅަކަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެކަމަށް ތަރުޙީބު ދޭ ބަޔަކު ތިބިއިރު، އެކަމާއި ހިތާމަ ކުރާ ބަޔަކުވެސް ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ސީރީޒްގެ އެއް ލީޑުގެ ގޮތުގައި ހިމެނޭ ޝެލްޑަންގެ ކެރެކްޓަރގެ މަގުބޫލުކަން ބޮޑުވެ، ޔަންގް ޝެލްޑަންގެ ނަމުގައި އާ ސީރިޒް މިހާރު ވަނީ ދައްކަން ފަށާފައެވެ.