ބޭރު ޤައުމެއްގެ އަތްދަށް ދިވެހިރާއްޖެ ގޮސްދާނެ ކަމުގެ ބިރު އެބައޮތްކަމަށް ޑރ ޖަމީލު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޖައްސާފައިވާ ހާލުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ވަކި ޤައުމެއްގެ އަތްދަށަށް ޤައުމު ދިއުމުގެ ބިރު ބޮޑުކޮށްފައިވާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިއެވެ. ވީޓީވީގައި ވާހަކަދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ތަރައްޤީގެ ނަމުގައި ސަރުކާރުން މިޤައުމު ދަރުވާލާފައިވާކަމަށާ ދިވެހި ރާއްޖެ މިދަރަޖައަށް ދަރުވާލި ދައުރެއް ދިވެހި ޤައުމު ދެކެފައިނުވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ތަރައްޤީގެ ނަން ނިވާފަތްގަނޑަކަށް ހަދާ މުޅި ޤައުމު ދަރުވާލާފައިވަނީ ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ދަރަޖައަކަށްކަމަށެވެ. “ރައީސް ޔާމީން ގެނެސްދެއްވިކަމަށް ބުނާ ތަރައްގީގެ އެއްވެސްކަމެއް ދިވެހި ރާއްޖެއިން ފެންނަން ނެތް،އޭގެ ބަދަލުގައި ފެންނަން އޮތީ ބޮޑު ދަރަންޏަކުން ގައުމު ދަރުވާލާފައިވާތަން” ޑރ ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ މޭމަތީގައި އަތްޖައްސަވާ ފަޚުރުވެރިކަމާއެކު އަދިވެސް ލޯން ނަންގަވާނެކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސް ޔާމީނާއިއެކު ގައުމަށް ލިބޭނެ ކުރިއެރުމެއް އަދި ތަރައްގީއެއްވެސް ނޯންނާނެކަމަށެވެ. ” މި ސަރުކާރުން ޖައްސާފައިވާ “ހާލު”ގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި ، ވަކި ގައުމެއްގެ އަތްދަށަށް ގައުމު ދިއުމުގެ ބިރުބޮޑު ވެއްޖެ. ރާއްޖޭގެ ތަރައްގީ އެތަށް ތަނެއް ފަހަތަށް ޖެހި އަންނަން އޮތް ޖީލުތަކާއި ހަމައަށް ގައުމު ވާސިލްކޮށްދޭން ޖެހިފައިވަނީ ދަރަނިވެރިވެފައިވާ ގައުމެއްގެ ގޮތުގައި ” ޑރ ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ އިގްތިސާދީ މާހިރެއްކަމަށް ވިދާޅުވާ ވިދާޅުވުމަށް ފާޑުވިދާޅުވަމުން ޑރ ޖަމީލް ވިދާޅުވީ ވިސްނުންތެރި އެއްވެސް ސިޔާސީ ލީޑަރެއްގެ ވެރިކަމުގައި ތަރައްގީއަކީ ވަކި ސަރަހައްދަކަށް ލިމިޓްވެފައިވާ އެއްޗަކަށް ނުވާނެކަމަށެވެ. ” ތަރައްގީއަކީ ވަކި ސަރަހައްދަކަށް ލިމިޓްވެފައި އެއްޗަކަށްނުވާނެ. ނަމަވެސް އެމަނިކުފާނު މި ވިދާޅުވަނީ ތަރައްގީ ބޭނުންވާނަމަ މިވެނިތަނަކަށް ހިޖުރަކުރާށޭ.” ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ޑރ ޖަމީލް ވިދާޅުވިއެވެ