English Edition
Dhivehi Edition
ދަތުރުތައް ފެށުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން:

މިއަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މުޅިން އަލަށް ފަށާ ސައުތު އެފްރިކާގެ އެއާލައިނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ދަތުރު ތައް ފެށުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް އިއްޔެ މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ، ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ ސްޓޭޝަން އޮޑިޓް މިހާރު ނިމިފައިވާކަމަށެވެ.

” ހެދި އޮޑިޓްތަކުން އެއާޕޯޓުގެ ރަންވޭއާއި އޭޕްރަންގެ ޙާލަތު ހުރީ ސައުތު އެފްރިކަން އެއާރލައިންސްގެ ސޭފްޓީ މިންގަނޑުތަކާ އެއްގޮތަށް. ދެން ހޯދަންޖެހެނީ ބައެއް އިކުއިޕްމަންޓާއި އެއާޕޯޓް ތަރައްޤީކުރުމުގެ ކަންތައްތައް. 24 ނޮވެމްބަރުގެ ކުރިން އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ބަލަނީ ” މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސިދާ ދަތުރުތައް ފެށުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ސައުތު އެފްރިކާއިން އަންނަ ފުރަތަމަ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހު ހެނދުނެވެ. ގަމާއި ސައުތު އެފްރިކާއާ ގަމާ ދެމެދު ހަފްތާއަކު 4 ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ އިރު މީގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓް ހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. ހަމަ މިއާއެކު އައްޑޫ ސިޓީގައި މިހާރު ޤާއިމްކުރާ މަސް ފެކްޓްރީގެ މަސައްކަތް ނިމުމުން، ސައުތު އެފްރިކާއަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވިއެވެ.