ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ( ސީއެމްސީއޭ) ގެ މިއަހަރުގެ ފުރަތަމަ ޔޫތް ޑެލިގޭޝަން ޗައިނާއަށް ފުރައިފިއެވެ.
ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ސީއެމްސީއޭއިން ޗައިނާގެ ޝަންހާއީ އަށް ފޮނުވި ޑެލިގޭޝަންގައި ހިމެނެނީ ރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީ ތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެގޮތުން މި ޕްރޮގްރާމުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ދަރިވަރުންނާއި ވިލާކޮލެޖް އަދި މަންދު ކޮލެޖުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އޮގަސްޓް މަހުގެ 22 އިން 28 އަށް މި ޑެލިގޭޝަން ޗައިނާގައި ހޭދަކުރާއިރު ޝަންހާއީގެ އިތުރުން ޔަންގްޒޯ އާއި ސޫޒޯ ސިޓީއަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ސީއެމްސީއޭގެ ސްކޮލަރޝިޕްގެ ދަށުން މިހާރުވެސް ދަރިވަރުން ކިޔަވަމުންދާ ޔަންގްޒޯ ޕޮލިޓެކް ކޮލެޖަށް ވެސް މި ޑެލިގޭޝަނުން ޒިޔާރަތް ކުރާނެއެވެ. މީގެ އިތުރުން ސޫޒޯވޮކޭޝަނަލް ކޮލެޖަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް މި ދަރިވަރުންނަށް ލިބިގެން ދާނެ ކަމަށް ސީއެމްސީއޭ އިން ބުނެއެވެ.
މީގެ އިތުރުން ރާއްޖެއާއި ޗައިނާގެ ސަގާފަތް ދައްކުވައިދޭ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ޑެލިގޭޝަންގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ސީއެމްސީއޭއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން މިއީ ޗައިނާއަށް ދާ އެ އެސޯސިއޭޝަނުގެ 3 ވަނަ ޔޫތް ޑެލިގޭޝަނެވެ. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވުނު ދަރިވަރުން ހިމެނޭ މިފަދަ ޑެލިގޭޝަންތައް ސީއެމްސީއިން ވަނީ ޗައިނާއަށް ފޮނުވާފައެވެ. މީގެ އިތުރުން މިއަހަރުގެ ވިންޓަރ އާއި ދިމާކޮށް މިފަދަ އިތުރު ޑެލިގޭޝަނެއްވެސް ޗައިނާއަށް ފޮނުވުމަށް ސީއެމްސީއޭއިން ދަނީ ތައްޔާރުވަމުންނެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.