English Edition
Dhivehi Edition

ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވެ، އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސްފިއެވެ.

ނަމަވެސް ރައީސް މައުމޫނަށް ފަރުވާދެމުން ގެންދަނީ ކޮންކަމަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު އިތުރަށް ސީރިއަސްވެފައިވާތޯ މާލެ ގެންދިޔުމަށް މާފުށީ ޖަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ލަފާދީފައިވެއެވެ.

އެނގިފައި ވާގޮތުގައި ރައީސް މައުމޫންގެ ހާލުކޮޅު ގޯސްކަން އެނގުނީ މިއަދު 10:00 އަށް ހަމަޖެހިފައި އޮތް ވަކީލުންގެ ބައްދަލުވުމަށް ދެވެން ނެތް ކަމަށް ކަރެކްޝަންސް އިން އެންގުމުން އެކަންހިނގި ގޮތް ސާފުކުރަން ކުރެވުނު މަސައްކަތުންނެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށްފަހުއެވެ. އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން މިހާރު މައުމޫން ގެންދަވަނީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުނެވެ.