މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އެހެނިހެން އިންތިހާބުތަކުގައި، ދިވެހި ރައްޔިތުން ނުކުމެ މިނިވަންކަމާއެކު ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމަކަށް ވާއިރު، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ މިނިވަންކަމާއެކު ވޯޓު ދިނުމުގެ ހައްގު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އިންތިހާބުތަކުގައި ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް ގައުމީ ވާޖިބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން، ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވޯޓު ދެއްވުމަށް،” ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް އެންމެ ފެންނަ ގޮތަކަށް ވޯޓު ދިނުމަށް ނުކުތުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓެވެ.
މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކައުންސިލްގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. ރައްޔިތުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓުތައް ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.