English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމް އިންގްލިޝް ވިންގްލިޝް ގައި މަސައްކަތް ކޮށްފައިވާ ސުޖާތާ ކުމާރު ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.

ޑައިރެކްޓަރު ގޯރީ ޝިންޑޭ ޑައިރެކްޓުކޮށް ނެރުނު ފިލްމު އިންގްލިޝް ވިންގްލިޝްގައި ސްރީދޭވީގެ ދައްތައެއްގެ ރޯލުން ފެނިފައިވާ ސުޖާތާ މަރުވެފައިވާކަން އޭނާގެ ކޮއްކޮ އަދި ލަވަކިޔުންތެރިޔާ ސުޗިތްރާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ސުޖާތާ މަރުވެފައިވަނީ ރޭ 11:26 ގައި ކަމަށް އޭނާވަނީ ބުނެފައެވެ.

ހަބަރުތައް ބުނާގޮތުގައި އުމުރުން 53 އަހަރުގެ ސުޖާތާ ކެންސަރަށް ފަރުވާ ހޯދަމުންދާތާ މިހާރު ވަނީ 12 އަހަރު ވެފައެވެ. ސުޖާތާގެ ދައްތަވަނީ މިމަހު 18 ވަނަ ދުވަހު ސުޖާތަގެ ހާލުދެރަވެ އައިސީޔޫގައި ފަރުވާދެމުންދާކަންވެސް އޭނަގެ ފޭނުންނާ ހިއްސާކޮށްފައެވެ.

މީގެ ދުވސްކޮޅެއްކުރިން ސުޖާތާ ޓެޑްއެކްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނައަކީ ކުޑައިރު ޖިންސީއަނިޔާގެ ޝިކާރައަކަށްވެ އަދި ބޮޑުވުމަށްފަހު ކައިވެނިކޮށް ހަމަޖެހޭ ދިރި އުޅުމެއް ނުލިބި ދިރި އުޅުމުގައި ވަރަށް ހިތްދަތި ކަންތަކާ ކުރިމަތިވެ ހުރިހާ ކަމަކާވެސް އެކަނި ކުރިމަތިލާއި ހިތްވަރު ކޮށްފައި ދިރިއުޅެމުން އައި މީހެއްކަމަށެވެ. އަދި އޭގެފަހުން ކެންސަރު ޖެހި އެބަލީގައި ފަރުވާހޯދަމުން މިހާތަނަށް އައީވެސް އަމިއްލައަށް ހިތްވަރުކޮށްގެން ކަމަށް ވަނީ ބުނެފައެވެ.

އިންގްލިޝް ވިންގްލިޝްގެ އިތުރުން ސުޖާތާވަނީ ޓީވީ ޝޯވް “24” އަދި ޖިޔަޖަލޭ ގެ އިތުރުން އިޝްތިހާރު ތަކުން ފެނިފައެވެ.