English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި ޤާއިމްކުރާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މި ހިނގާ އޮގަސްޓް ގެ ނިޔަލަށް ނިމޭނެ ކަމަށް މަޝްރޫޢު ޤާއިމްކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ، ޕީއެސް އެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އައްޑޫ ނަރުދަމާގެ މަޝްރޫޢުގެ %72 މަސައްކަތް ނިމިފައިވާ ކަަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާތަނަށް ފޭދޫގެ 220 ގެއަކަށް ހޮޅިގުޅާފައިވާ ކަމަށާއި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ފޭދުގެ ހުރިހާ ގޭބިސީއަކަށް ހޮޅިގުޅާ ނިމެނޭ ކަމަށެވެ.

ހުޝާމު ވިދާޅުވީ މި މަޝްރޫޢުގެދަށުން ފޭދޫގައި އަޅާ ގްރެވިޓީ ނެޓްވޯރކްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މަރަދޫ-ފޭދޫގެ ގްރެވިޓީ ނެޓްވޯރކްގެ %75 އަދި މަރަދޫގެ %60 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ފޭދޫގައި ޤާއިމްކުރާ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްގެ %75 ނިމިފައިވާއިރު، މަރަދޫ އާއި މަރަދޫ-ފޭދޫގެ ޓްރާންސްފަރ ސްޓޭޝަންގެ %80 ނިމިފައިވާ ކަމަށްވެެސް ހުޝާމް ވިދާޅުވިއެވެ.

މިހާރު ފޭދޫގެ ގެތަކަށް ހޮޅި ގުޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، ފޭދޫ، މަރަދޫ-ފޭދޫގެ ޕްރެޝަރ ލައިންގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާ ކަމަށާ، އަދި މަރަދޫގެ %20 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 2500 ގޭބިސީއަށް ނަރުދަމާ ހޮޅި ގުޅުމަށް ހަމަޖެހިފައިވެއެވެ .

މިއީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޯފިޑްގެ ލޯން އެހީގެ ދަށުން 130 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއެކެވެ.