މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސ. ހިތަދޫގައި އިމާރާތްކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރާޅު ލެވެލްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ސްލެބް އެޅުމަށް ބޭނުންވާ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތް ކަމަށެވެ.. އެގޮތުން ދަގަނޑު ބަނުމާއި ޝަޓަރިންގއަށް ތައްޔާރުވުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ހިތަދޫގައި ގާއިމުކުރާ މި މަރުކަޒަކީ ދެކުނުގެ އަތޮޅުތަކުގައި ދިމާވާ ކުއްލި ހާލަތްތަކުގައާއި ތަފާތު ކާރިސާތަކުގައި ހަރަކާތްތެރިވުމަށާއި، އެފަދަ ކަންކަން ވިލަރެސްކުރުމަށް ބޭނުންކުރާނެ މައި މަރުކަޒެކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި މަޝްރޫއެކެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.