English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ މަސައްކތް ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް މިއަދު ހަވީރު ވަޑައިގެން އެރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަސައްކަތް އިފްތިތާޙުކުރުމުގެ ގޮތުން މިކަމަށް ހާއްސަކޮށް ފުވައްމުލައް ސިޓީގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއް ކަމުގައިވާ އެސިޓީގެ ޖުމުލަ 50 މަގެއް ތާރު އަޅައި ތަރައްޤީކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ސިޓީތަކުގެ މަގުތައް ހެދުމަށް ސަރުކާރުން ވެޑައިގެންފައިވާ ވަޢުދުގެ ދަށުން، މިއަދު އިފްތިތާޙް ކުރެވިގެން މިދިޔަ މަޝްރޫޢަކީ ސިޓީއެއްގައި މިސަރުކާރުން ފަށާ މިފަދަ ފުރަތަމަ މަޝްރޫޢުއެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތުގެ ފުރަަތަމަ ފިޔަވަހީގެ މަސައްކަތް 2022 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.