English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވީ މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެއް ކަމަށާއި ރޭ 22:30 ހާއިރު ޅޮހިން ފުރި މިދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުކަމަށެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެކެވެ.

މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ..