މިފަހަރަކީ ޒުވާނުންގެ ފަހަރު ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން ގުޅިފައިވާ ޕާޓީތަކުން މާލޭގައި ހަދާފައިވާ ޖަގަހަ ރޭ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިބޫ ވަނީ ޒުވާނުންނަށް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ބައެއް ކަންކަންވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން ޒުވާނުންނަށް މީގެ ކުރިއެކޭ އެއްގޮތައް ސްކޮލަޝިޕްތައް ދީ އެ ޒުވާނަކު ބޭނުންވާ ގައުމަކުން ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ކައިރީގައި ދަތުރުދާން ރަށެއް ހަމަ ޖައްސަވާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން ނުކުމެތިބީ ޒުވާނުންނާ އެކީގައި ޒުވާނުން ބޭނުންވާ ކަންކަން ފުއްދައިދިނުމުގެ މަގުސަދުގައި ކަަމަށެވެ. އަދި އެއިއްތިހާދަކީ ޒުވާނުންނާއި އެކި އުމުރުފުރައިގެ ކޯލިޝަނެއް ކަމަށެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަކީ ޒުވާނުންނަށް ވީނަމަވެސް، އޭގެ ތެރެއިން 19 ޕަސެންޓާއި 23 ޕަސެންޓާ ދެމެދު ޒުވާނުންނަކީ ވަޒީފާއެއް ނެތް ޒުވާނުންކަން ފާހަގަކުރައްވައި ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އިބޫ ވިދާޅުވިއެވެ.
“19 ޕަސެންޓާއި 23 ޕަސެންޓާ ދޭތެރޭ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން. އޭގެ އިތުރަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިސަރުކާރުން ޒުވާން ކުޅުންތެރިން ޖަލަށްލާ މަންޒަރު. ޒުވާން ލޯޔަރުންނާއި ކައުންސިލަރުން ސަސްޕެންޑް ކުރާ މަންޒަރު. ގެޓްސެޓް ނަމުގައި ދޭންފެށި ލޯނު ނާޖާއިޒް ގޮތުގައި ބޭނުން ބަޔަކަށް ދޭން ފެށި މަންޒަރު” އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 18 އަހަރުން މަތީ ޒުވާނުންނަށް ވޯޓުލެވޭ ގޮތް ހެދުމަށް ވޯޓު ދެއްވި ހަމައެކަނި ދެބޭފުޅުންނަކީ އެމަނިކުފާނާއި އިބޫ ކަމަށެވެ. މިއީ ޒުވާނުންގެ ފަހަރު ކަމަށާއި އެބޭފުޅުންގެ ސަރުކާރެއްގައި ޒުވާނުންނަކީ ގައުމުގެ ތަރައްގީގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާނުންނަކީ ވަޒީފާއެއް ނެތިގެން މަގުމަތީގައި އުޅޭ ބައެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ މި ފަހަރަކީ ޒުވާނުންގެ ފަހަރު ކަމަށެވެ.