ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި 1200 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހާމަކުރައްވަން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތުތަކުގައި ވޯޓުލާ މަރުކަޒުތަކުގެ އިތުރަށް ސަލާމަތީ އެހެންކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ތައްޔާރަށް ތިބިކަމަށެވެ.
“މިހާރު ވޯޓުލުން ކުރިއަށްދާ ހުރިހާ ސަރަަހައްދަކަށް ފުލުހުން ވާނީ ފޮނުވާފައި. އެއްވެސް ކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ އެކަންކަމަށް އިޖާބަދިނުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމްތައް ހަރަކާތްތެރިވަމުން ދާނެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި ޖުމުލަ 1262 ފުލުހަކު ދާނީ ހަރަކާތްތެރިވަމުން ” ޝާކިރު ވިދާާޅުވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރާއި ވޯޓުގެ ނަތީޖާ އިޢުލާންކުރެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން އަންނަނީ “އޮޕަރޭޝަބް ބުލޫވޭވް”ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަވަމުންނެވެ. އަދި މިހާރު ވަނީ ފުލުހުންގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން 2 ޝިފްޓްއަކަށް ބަހާލާ އެލަރޓް ލެވެލް މަތިކޮށްފައެވެ.
މީގެ އިތުރުން ޝާކިރު ވިދާޅުވީ ފުލުހުން ހަމައެކަނި ހަރަކާތްތެރިވަމުން ދާނީ ވޯޓުލާ ވަގުތުގައި އެކަނި ނޫން ކަމަށާއި ވޯޓުގެ ނަތީޖާ އިޢުލާންކުރެވެންދެންވެސް ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމުގައިވެސް އޮންނަ އުޞޫލުގެ ދަށުން ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާއިރުވެސް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.