ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރައްވާނީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ
ރީ-ރަޖިސްޓްރީ ކުރުމަށާއި ޝަކުވާ ހުށަހެޅުމަށްދީފައިވާ މުއްދަތު ހަމަވެފައިވާއިރު ރީ ރަޖިސްޓްރީ އަށް ހުށަހަޅާފައިވާ ޝަކުވާތައް އިސްލާހުކޮށް އެކުލަވައިލާ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ނުކުރައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިބޫވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިބޫ ވަނީ ވަގުތު އޮއްވާ ލިސްޓް އާންމުކުރުމަށް ގޮވާލާފައެވެ
މީގެ ކުރިން ލައްކައެއްހާ މީހުން ރީ ރަޖިސްޓްރީ އަށް ހުށަހަޅާފައިވާތީ އެ އަދަދު ގިނަ ކަމުން އިބޫ ސުވާލު އުފައްދާފައިވާއިރު އިބޫ ވިދާޅުވީ ހުރިހާ ކަންކަން ކަށަވަރު ކުރަން ބޭނުންވަނީ ވޯޓު އޮޅުވައިލުމަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދާތީ ކަމަށެވެ