އިދިކޮޅު ކޯލިޝަންގެ އިގްތިސާދީ އެޖެންޑާ ފެށިގެން ދަނީ ސަރުކާރުން ވިޔަފާރި ކުރަން ބޭނުން ނުވާ ކަމަށް ބުނަމުންކަމަށާއި ނަމަވެސް އެ އެޖެންޑާ ނިމިގެން ދަނީ ނުހެދި ހުރި ރިސޯޓްތައް ތަރައްގީ ކުރަން ސަރުކާރުން ލޯނުދޭނެކަމަށް ބުނާ ހިސާބުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ
ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނިންމައި ނުލެވި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނުދޫކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން މުނައްވަރު ވިދާޅުވީ ރިސޯޓުތަކުގެ ވެރިންނަށް ލޯނު ދީގެން، އިގްތިސާދީ މަޝްރޫއުތައް ނުހިންގޭނެކަމަށެވެ. އަދި ރިސޯޓު ނުހެދިފައި ހުރި ފަރާތްތަކަށް ލޯނު ދޭ ވާހަކަ އަކީ މީގެ އެތައް އަހަރެއް ކުރިން ދެއްކުން ހުއްޓާލާފައިވާ ވާހަކަތަކެއް ކަމަށާއި ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި، ބޭންކުތަކުން ލޯން ނުދޭނެ ކަމަށް މުނައްވަރުވަނީ ވިދާޅުވެފައެވެ
އިދިކޮޅު ކޯލިޝަންގެ އިގްތިސޯދީ ސިޔާސަތަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން މުނައްވަރު ވިދާޅުވީ އެމީހުންގެ އެޖެންޑާގައި އޮންނަނީ ޕްރައިވަޓައިޒޭޝަނާއި، ނެޝަނަލައިޒޭޝަން އެއްވެފައި ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ކޮންމެވެސް އެކައްޗެއް ނަގަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު މީހުންގެ އިގްތިސާދީ އެޖެންޑާ އަކީ “އެއްގޮތަކަށް ވެސް ތާކުންތާކު ޖެހޭ” އަދި އެއްވެސް ވަރަކަށް ދެކޮޅުޖެހޭ އެއްޗެއް ނޫން ކަމަށެވެ