ދާދި ފަހުން ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު، ރާއްޖޭގައި ސިޔާސީ ހަމަޖެހުމާއި ސްތޭބިލިޓީ ޤާއިމްވެފައިވާކަން ބޭރުގެ އިންވެސްޓަރުން ގަބޫލުކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ވޯޓުލައިގެން ދިވެހި ރައްޔިތުން ވަނީ އެމީހުންގެ ބޭނުންތައް ސާފުކޮށް ހާމަކޮށްފައެވެ. “ވޯޓުން ފެނިގެންދަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާން ބޭނުންވެ، ވަޒީފާތައް އުފެދި، ބޮޑެތި މަޝްރޫޢުތައް ހިންގަން ރައްޔިތުން ބޭނުންވާ މަންޒަރު،” ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޤައުމެއްގައި ސިޔާސީ ހަމަޖެހުން ނެތްނަމަ، އެތަނެއްގައި އިންވެސްޓުކުރަން ގިނަ ބޭރު ފަރާތްތައް ޖެހިލުންވެއެވެ. ނަމަވެސް މަޖިލިސް އިންތިޚާބުން ފެނިގެންދިޔަ ގޮތުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމްވެފައިވާކަން ބައިނަލްއަޤްވާމީ އިންވެސްޓަރުން ދެކޭކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުޤުވެރިކަން ބޭރުގެ ފަރާތްތަކުން މިހާރު ބޮޑަށް ފާޅުކުރަމުންދާކަން ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިތުރު ވާހަކަފުޅުދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފުން އަންދާޒާކުރާ ގޮތުން މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ އިޤްތިޞާދު 5.5 އިންސައްތައިން ކުރިއަރާނެ ކަމަށެވެ. މިއީ ސިޔާސީ ހަމަޖެހުމާއެކު ރާއްޖެއާމެދު ބައިނަލްއަޤްވާމީ އިތުބާރު އިތުރުވެފައިވާކަން ހާމަވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“މިހާރުވެސް ބޭންކުތަކުންނާއި އަދި އެހެނިހެން އިންވެސްޓަރުން ރާއްޖެއަށް ފައިސާ ހޭދަކުރަމުންދޭ. މިކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ،” ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ މަސައްކަތުގެ ސަބަބުން، މިހާރުވެސް ރާއްޖޭގެ ރުފިޔާގެ އަގު ބޮޑުވަމުންދާކަމާއި ރާއްޖޭގެ ފޮރިން ރިޒާވްވެސް ވަރުގަދަވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.